ދުނިޔޭގައި ޑްރޯން އުފައްދާ އެންމެ ބޮޑު ކުންފުނި، ޗައިނާގެ ”ޑީޖޭއައި“އަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެމެރިކާއިން ކުރިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކުންފުނިތަކުގެ ލިސްޓުގައި އެ ކުންފުނި ހިމަނާފައިވީނަމަވެސް މިހާރު އެކުންފުންޏާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއިން ނިންމީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެ ކުންފުނިން އުފައްދާފައިވާ ޑްރޯން ރަޝިޔާއިން ބޭނުންކުރިކަން އެނގުމުންނެވެ.
ދުނިޔޭގައި ”ޑްރޯން“ އުފައްދާ އެންމެ ބޮޑު ކުންފުންޏަކީ ޗައިނާގެ ”ޑީޖޭއައި“ ކުންފުންޏެވެ. އެމެރިކާއިން ބުނާގޮތުގައި ”ޑީޖޭއައި“ އަކީ ޔޫކްރޭންގެ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރަމުންދާ އުފެއްދުންތައް ތައްޔާރުކުރާ ޓެކްނޮލޮޖީގެ ގިނަ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން ހަނގުރާމައިގައި ޗައިނާގެ ކުންފުނިން އުފެއްދި އިންސާނުންނާ ނުލައި އުދުއްސާ ވައިގެ އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ”މުކް-3“ ޑްރޯން ވެސް ހިމެނެ އެވެ.

ޗައިނާގެ ކުންފުނި ”ޑީޖޭއައި“އިން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް، އެ ކުންފުނީގެ އުފެއްދުންތަކަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެއް ކަމަށާއި އެ ޑްރޯންތައް އަސްކަރީ މިންގަނޑަށް ނުފެތޭ ކަމަށް ބުނެފަ އެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ”ޑީޖޭއައި“އިން ރަޝިޔާ އާއި ޔޫކްރޭނަށް އެ ކުންފުނީގެ އުފެއްދުންތައް ވިއްކުން ވަނީ ހުއްޓާލާފައެވެ.
ދުނިޔޭގެ ޑްރޯން މާކެޓުގެ 70 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް ”ޑީޖޭއައި“ އިން މިހާރު ކޮންޓްރޯލް ކުރާކަމަށް ވެއެވެ.
ޑްރޯންއާ ބެހޭ ގޮތުން ތައްޔާރުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ޑްރޯންގެ މާކެޓް 2022 ވަނަ އަހަރު 30.6 ބިލިއަން ޑޮލަރުގައި އުޅުނުކަމަށްވިޔަސް، 2030 ވަނަ އަހަރު 55.8 ބިލިއަން ޑޮލަރަށް ބޮޑުވާނެ އެވެ.
ޗައިނާގެ ކުންފުނި ”ޑީޖޭއައި“ އިން މިހާރު ދަނީ 14 ހާސް މީހުންނަށް ވަޒީފާ ފޯރުކޮށްދެމުންނެވެ. އޭގެ ތެރެއިން 25 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގަ އެވެ.
ޑިސެމްބަރު 2021 ގައި އެމެރިކާ ސަރުކާރުން ”ޑީޖޭއައި“ގެ އިތުރުން ޗައިނާގެ އެހެން ބައެއް ކުންފުނިތައް އިގުތިސާދީ ކަޅު ލިސްޓަށް އިތުރުކުރުމުން، އެމެރިކާގެ އިންވެސްޓަރުންނަށް އެ ކުންފުނިތަކުގެ ހިއްސާ ގަތުމާއި ވިއްކުމަށް ވަނީ ހުރަސް އެޅިފައެވެ.