ރާއްޖޭގެ މަޝްހޫރު މޮޑެލް ޅ.ނައިފަރު، ހަވީރީހިޔާ، ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް ބޯޓެއްގެ މައްސަލައިގައި ކުރި ދަޢުވާގައި އޭނާ އެދުނު ގޮތަށް ޢަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ސިވިލް ކޯޓުގައި ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ދަޢުވާކުރީ އޭނާ 3.5 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ގަތް ބޯޓެއް (މިހިރީ ނަންބަރު 5 ބޯޓު) އޭނާގެ ނުރުހުމުގައި ބައްޕަގެ ނަންމަތީގައި ރަޖިސްޓްރީ ކުރިކަމަށް ބުނެއެވެ.
އެ ގޮތުން ކައިޒީން ކުރި ދަޢުވާގައިވަނީ އެ ބޯޓުގެ މިލްކުވެރި ފަރާތަކީ އޭނާކަން ކަނޑައަޅައި ދިނުމަށާއި ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ޢަމުރުކޮށްދީ, ބޯޓުގައިވާ ހުރިހާ ތަކެއްޗާއެކު 3 ދުވަސްތެރޭ ބޯޓު އޭނާއާ ހަވާލުކޮށްދިނުމުގެ ޢަމުރެެއް ނެރެދިނުމަށެވެ.
ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރުގައި ވަނީ އެ މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަން ބަދަލުނުކުރުމަށާއި، ކުއްޔަށްދިނުންފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ކައިޒީންގެ ބައްޕައާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ ޢަމުރެއް ނެރެފައެވެ. އެ ޢަމުރުގައިވަނީ ބޯޓު ގަންނަން ފައިސާދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެކަމަށް ފައިސާދިނީ ކައިޒީންކަމަށް ބައްޕަ އިންކާރު ނުކުރާކަން ފާހަގަކޮށްފައެވެ.
އެހެންކަމުން ކައިޒީންއަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށްފިނަމަ ކައިޒީންއަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަޞައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވާތީ މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ނިންމީ ކައިޒީންގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ކޯޓު ޢަމުރުގައިވާ ކަންކަމަކީ އެ ދަޢުވާގެ މަޢުޟޫއުއާމެދު ގޮތެއް ނިމިގެންދާއިރު ނެރެދިނުމަށް އެދިފައިވާ ކޯޓު ޢަމުރާމެދު ގޮތެއް ނިމިގެންދާނެތީ ޢަމުރެއް ނެރެންޖެހޭ ތަނެއް މި ވަގުތަށް ނެތް ކަމަށެވެ.