ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރުމަށް އެ ޕާޓީން އޭނާއަށް ދަޢުވަތެއް ނުދޭކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ބައެއް މީހުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް ޢުމަރު ވިދާޅުވި ކަމަށް ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ތާއީދާއެކު ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރައްވާނެ ކަމަށް ޢުމަރު ވިދާޅުވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން ޢުމަރުގެ ފަހަތަށް ނާރާނެ ކަމަށާއި ޕީޕީއެމްއާ ގުޅިވަޑައިގެން މަސައްކަތް ކުރުމަށް އެ ޕާޓީން އޭނާއަށް ދައުވަތު އެރުވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އެކަން ދޮގުކުރައްވައި ޢުމަރު ވިދާޅުވީ އެ ގޮތަށް ރިޕޯޓުކުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ޕީޕީއެމްއަކަށް ދަޢުވަތެއް ނުދެއްވާ ކަމަށާއި އެ ޕާޓީއަކުން ވެސް ދަޢުވަތެއް ނާރުވާކަމަށް ޢުމަރު ވިދާޅުވިއެވެ.
”ޕީޕީއެމްއަށް އަޅުގަޑު ދަޢުވަތެއް ނުދެން. އަދި ޕީޕީއެމްއިން އަޅުގަނޑަށް ވެސް ދަޢުވަތެއް ނުދޭ.“ ޢުމަރު ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ޢުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ޢުމަރު މިހާރު ވަނީ ކެމްޕޭން ވެސް ފަށްޓަވައިފައެވެ.
ރަސްމީކޮށް ކެމްޕޭން ފެށްޓެވުމަށް މި މަހުގެ 4 ވަނަ ދުވަހުގެރޭ ސަލްޓަންޕާކުގައި ބޭއްވެވި ޖަލްސާގައި ޢުމަރު ވަނީ, ދެ ޕާޓީ (އެމްޑީޕީ/ޕީޕީއެމް) ޓެސްޓު ކުރެވި, ދެ ޕާޓީއަށް ސްޕަރމެޖޯރިޓީއާއެކު ފުރުސަތު ދެވިއްޖެ ކަމަށާއި ދެ ޕާޓީ ވެސް ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ.