ޖުމްހޫރީ ޕާޓީން މި މަހުގައި ބާއްވާ ކޮންގްރެސްގައި 1000 އެއްހައި މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ކޮންގްރެސްއަށް ތައްޔާރުވުމަށް ޖޭޕީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސެކްރެޓަރީ ޖެނެރަލް ޢަލީ ޢާރިފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކޮންގްރެސްއަކަށް ޖޭޕީގެ ކޮންގްރެސް ހެދުމަށްޓަކައި ޕާޓީގެ މެންބަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން ޖޭޕީގެ ކޮންގްރެސްްއަކީ ކާމިޔާބު ކޮންގްރެސްއަކަށް ވެގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޢާރިފް ވިދާޅުވީ ކޮންގްރެސްގެ ކުރިއަށް ބައެއް ގޮފިތައް އެކުލަވައިލަންޖެހޭތީ ގޮފިތަކުގެ އިންތިޚާބުތައް ބާއްވާނެ ކަމަށާއި، އެކަމަށް ކޮމިޓީއެއް އެކުލަވާލައިފައިވާތީ ކޮންގްރެސްގެ ކުރިން އިންތިޚާބު ބާއްވައި ކޮންގްރެސްގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅާނެ ކަމަށެވެ.
ޖޭޕީގެ ކޮންގްރެސް އޮންނާނީ މި މަހުގެ 23 އިން 26 އަށް ދަރުބާރުގޭގައެވެ. ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދުތަކަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމާނެއެވެ.
އޭގެތެރެއިން އެންމެ މުހިންމު އެއް އިސްލާހަކީ ޕާޓީގެ ލީޑަރުގެ މަގާމާއި ނައިބު ލީޑަރުންގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައި ހަމަޖައްސައި ނައިބު ރައީސުންގެ ގޮތުގައި ފަސް ބޭފުޅަކު ހަމަޖެއްސުމެވެ.