ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީ ތަނެއް ހޯއްދަވައި ދެއްވުމަށާއި އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ޢާއިލާއަށް މި ވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
އަނބިދަރިން ގޮވައިގެން ބޭސް ފަރުވާ ކުރުމަށް ސަމަދުބެ އިންޑިއާއަށް ދިޔައީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ ގޮތުން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ސަމަދުބެ ހުއްޓައި އިއްޔެގެ ވަގުތެއްގައި ވަނީ އިންޑިއާގެ އިމިގްރެޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެ ފަހުން ސަމަދުބޭގެ އެއްވެސް ޚަބަރެއް ވީނުވީއެއް ޢާއިލާއަށް ވެސް އަދި އެ ޕާޓީއަށް ވެސް ލިބިފައެއްނުވާ ކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، ސަމަދުބެ އިންޑިއާއިން ޑީޕޯޓްކޮށްލުމަށްފަހު ރާއްޖެ ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިހާރު ސަމަދުބެ އިނީ ފްލައިޓުގައި ކަމަށް ބެލެވޭކަމަށް ހީނާ މިއަދު ވިދާޅުވެފައިވެއެވެ.
”އިންޑިއާއިން މިއަދުގެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވައިލާ ކަމަށް ޢަބްދުއްޞަމަދުގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބުނު ނަމަވެސް މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވޭ. ޢަބްދުއްޞަމަދު ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން މި ކޯލިޝަންގެ ފަރާތުން މިހާރު ވާނީ ފޮރިން މިނިސްޓްރީއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވާފައި.“
އެ ގޮތުން އޭނާއާބެހޭ މަޢުލޫމާތު އިންޑިއާ ސަރުކާރާއި ގުޅިގެން ހޯއްދަވައިދެއްވައި އޭނާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ޕާޓީއާއި ހިއްސާކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްއިން ބުނީ ސަމަދުބެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާއިރު އޭނާގެ އަނބިދަރިންނަށް ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
”މި ކޯލިޝަނުން ދެކޭގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވައިލާ މި ކޯލިޝަނުން ކުރިއަށް ގެންދާ އިހުތިޖާޖުގައި އަޑުއުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއް. ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާކަމެއް. އެހެންކަމުން މިކަން މިކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިހާރުން މިހާރަށް ޢަބްދުއްޞަމަދު ދޫކޮށްލުމަށް އިންޑިއާ ސަރުކާރަށް ގޮވައިލަން.“
ހަމައެއާއެކު ސަމަދުބެ ވީތަނެއް ހޯއްދަވައި ދެއްވުމަށާއި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި އޭނާއާބެހޭ މައުލޫމާތު ޢާއިލާއަށް ހިއްސާ ކޮށްދިނުމަށާއި މި ވަގުތު އިންޑިއާގައި މަގުމަތިވެފައިވާ އޭނާގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޕީޕީއެމްއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.
ތިހުރީ ނިކަމެތި ޖާހިލުންނަށް ކަލޭމެންދޭ ލަޑެވެ. އަދިވެސް އިންޑިޔާ އައުޓް އޭ ކިޔައިގެން މީހުން ގުނބޯ ހައްދުވާފައި އަނެއްދުވަހު މިޖެހެނީ އެމީހުން ފައިބުޑަށް ދާށެވެ. ދެން ހޭރޭނެކަމެއް ނެތެވެ.