މުއްދަތު ހަމަވެފައިވާ ލައިސަންސްތައް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި މި މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ.
އެ ގޮތުން ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް މިނިސްޓްރީން އެ ދުވަހު ނެރުނު އިއުލާނުގައިވެއެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.