ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
ޖަޔަންތާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޤަޟާއީ އައު އަހަރާ ގުޅިގެން ބޭއްވުނު އެނުއަލް ޖުޑީޝަލް ކޮންފަރެންސްގައި ޖަޔަންތާ ވަނީ ތަޤްރީރު ކުރައްވައިފައެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރައްވައި އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕްރީމް ކޯޓުން ބުނީ އެ ބައްދަލުވުމުގައި އެ ކޯޓުގެ މަސައްކަތްތަކާއި، ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާ ގޮތުގެ މަޢުލޫމާތު ސްރީލަންކާގެ އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރެވުނު ކަމަށެވެ.
ހަމައެހެންމެ ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭ ގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް ބައްލަވައިލެއްވި ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެ ކަމަށް ވެސް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.