މާލެއިން ގެއްލިގެން ހޯދަމުން އަންނަ ސ.މަރަދޫފޭދޫ/ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ނުފެންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
މާލޭގައި ދިރިއުޅެމުން އަންނަ ޢުމުރުން 31 އަހަރުގެ އާސިރު ގެއްލިގެން، ޢާއިލާއިން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
މި މަހުގެ 04 ވަނަ ދުވަހުގެ އާސިރު އުޅޭ ގެއިން ނިކުމެގެން ހިނގާފައިދާ މަންޒަރު އެގޭ ކައިރި ސަރައްހައްދުގައި ހުރި ފިހާރައެއްގެ ސީސީޓީވީ ކެމެރާ ފޫޓޭޖުން ފެނިފައިވެއެވެ. އޭރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެކެވެ.
”އާސިރު އެންމެ ފަހުން ނުކުތީ އުޅޭ ގެއިން. އެއީ ރޯޝަނީ މަގުގަ ހުންނަ ކިލޯގްރާމްގެ ކުރިމަތީ ހުންނަ ގޯޅީގައި ހުންނަ ގެއެއް.“ މީގެކުރިން ”ދިޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން އާސިރުގެ ބޭބެއަކު ބުންޏެވެ.
ފުލުހުން މިއަދު ބުނީ އާސިރު ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފޫޓޭޖުތަކާއި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގެ ފޫޓޭޖުތައް ވެސް ބަލާފައިވާ ކަމަށެވެ.
”އެ ގޮތުން ބެލިބެލުމުން ފެބްރުއަރީ 04 ވަނަ ދުވަހުގެ ރޭ 19:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު, ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވޭ. އަދި އެ ޓެކްސީ ގޮސް އެއާޕޯޓު ޓާމިނަލަށް މަޑުކުރުމުން މުޙައްމަދު އާސިރު އިސްމާޢީލް ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފޫޓޭޖަކުން ފެނިފައިވޭ.“
ނަމަވެސް އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށްދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފޫޓޭޖުތަކާއި އެއާޕޯޓުގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖުތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި ހުންނަ ގާމެންޓް ފިހާރައެއްގައި މަސައްކަތް ކުރާ އާސިރަކީ ދިމާވި ކަމެއްގެ ސަބަބުން ސިކުނޑީގައި އުނިކަމެއް ހުންނަ މީހެކެވެ.
ފުލުހުން ވަނީ އާސިރުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.