އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓުން މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމާއެކު މާލޭ ސިޓީގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށްޓަކައި އެ ޖަމްޢިޔާއާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ފަހުމުނާމާގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އެ ޖަމްޢިއްޔާގެ ޑިރެކްޓަރު އޮފް އިންސްޓިޓިއުޓް ޑރ.ޢަލީ ޒާހިރުއެވެ. މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ.
މި ފަހުމުނާމާގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ހުނަރު ދަސްކޮށްދީ, ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.