އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް އައްޑުއަށް ވަޑައިގެންފިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތާމެދު އެ ސިޓީގެ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރިއެވެ. އެ ގޮތުންއެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދަތިތައް ދިމާވެފައިވާތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަންކަން ހައްލު ކުރުމަށްޓަކައި ދުވަސްކޮޅަކަށް އައްޑޫގައި މަޑުކުރެއްވުމަށް އައްޑުއަށް ވަޑައިގަންނަވާނެކަން މިނިސްޓަރު ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭ ދަންވަރު އަސްލަމް ވަނީ އައްޑުއަށް ވަޑައިގެންފައެވެ.
އެ ގޮތުން އަސްލަމް މިއަދު ވަނީ އައްޑޫގެ މަގު ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުނި އެފްކޮންސްއާއި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި އައްޑޫ ސިޓީ ކައުންސިލާއެކު މައްސަލަތައް ހައްލުކުރުމަށް މަޝްވަރާތައް ފަށްޓަވަފައެވެ.
ތާރު އަޅައިގެންނާއި ގާ އަތުރައިގެން އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެފްކޮންސްއާ ހަވާލުކުރީ 2021 ފެބްރުއަރީގައެވެ. އެއީ ދެ އަހަރުތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގައެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ މަގުތަކެއް ހަދާނެއެވެ.