ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިޞަލް ނަސީމް ޔޫއޭއީގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ނައިބު ރައީސް ފައިޞަލްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ފައިޞަލް ޔޫއޭއީގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެ ސަމިޓް ކުރިއަށްދާނީ މި މަހުގެ 13 އިން 15 އަށެވެ.
މި އަހަރުގެ ސަމިޓު ކުރިއަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެންނެވެ.
މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް ފައިޞަލް ތަގުރީރު ކުރައްވާނެއެވެ.
މީގެއިތުރުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ”މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.