ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މި އަހަރު ބާއްވާ ޤައުމީ ދިގު ފެތުމުގެ 14 ވަނަ މުބާރާތް ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވަން ނިންމައިފިއެވެ.
ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން އިންތިޒާމުކުރާ ޤައުމީ ދިގު ފެތުމުގެ 14 ވަނަ މުބާރާތް އޮންނާނީ މި މަހުގެ 25 ގައި ކަމަށެވެ.
މި މުބާރާތް ބެހިފައިވަނީ ދެ ކެޓަގަރީ އަކަށެވެ.
ކެޓަގަރީ 01: ނޭޝަނަލް
ދިގުމިން: 5 ކިލޯމީޓަރު
މި ކެޓެގަރީގައި ބައިވެރިވެވޭނީ މީލާދީން 2008 ވަނައަހަރު ނުވަތަ އޭގެ ކުރިން އުފަންވެފައިވާ އެލީޓް އެތުލީޓުންނަށެވެ. މި ރޭސް ފުރަތަމަ ނިންމާ ދިވެހި އެތުލީޓަކީ ”މޯލްޑިވްސް ނޭޝަނަލް އޯޕެން ވޯޓަރ ސްވިމިންގ ޗެމްޕިއަން 2023“ (އަންހެން/ފިރިހެން) ކަމުގައި ކަނޑައަޅާނެއެވެ.
ކެޓަގަރީ 02: ޖޫނިއަރ ނޭޝަނަލް
ދިގުމިން: 3 ކިލޯމީޓަރު
މި ކެޓެގަރީގައި ބައިވެރިވެވޭނީ މީލާދީން 2009 ،2010 އަދި 2011 ވަނަ އަހަރު އުފަންވެފައިވާ ފިރިހެން އަދި އަންހެން ކުދިންނަށެވެ. މި ކެޓަގަރީގެ ރޭހުން މޮޅުވާ ފެތުންތެރިންނަކީ ”މޯލްޑިވްސް ޖޫނިއަރ ނޭޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ޗެމްޕިއަން 2023“ (އަންހެން / ފިރިހެން) ކަމުގައި
ކަނޑައަޅާނެއެވެ.
ސްވިމް ޗެލެންޖް
ސްވިމް ޗެލެންޖްގައި މީލާދީން 2011 ވަނަ އަހަރު ނުވަތަ އޭގެ ކުރިން އުފަންވެފައިވާ ކޮންމެ މީހަކަށް ވާދަކުރެވޭނެއެވެ. މި ރޭހުގެ ބައިވެރިން ފަތާނީ 01 ކިލޯ މީޓަރުގެ ދިގުމިނަށެވެ. މި ކެޓެގަރީގައި ބައިވެރިވެ ރޭސް ފުރިހަމަކުރާ ކޮންމެ ފެތުންތެރިއަކަށް ފިނިޝަރ މެޑަލް އަދި ސެޓްފިކެޓް ދޭނެއެވެ.
ކިޑްސް ސްވިމް
ކިޑްސް ސްވިމްގައި މީލާދީން 2012 ،2013 ،2014 އަދި 2015 ގައި އުފަންވެފައިވާ ކުދިންނަށް ވާދަކުރެވޭނެއެވެ. މިއީ ފަން އިވެންޓެކެވެ. ނަމަވެސް ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ފިނިޝަރ މެޑަލް އަދި ސެޓްފިކެޓް ދޭނެއެވެ. މި ރޭހުގައި ފަތާނީ 500 މީޓަރުގެ ދިގުމިނަށެވެ.
ސްވިމް ޗެލެންޖް އަދި ކިޑްސް ސްވިމް ކެޓަގަރީ އަކީ ފެތުމުގެ ޤައުމީ 14 ވަނަ މުބާރާތުގެ 2 ކެޓަގަރީގެ ގޮތުގައި ނުބަލާނެއެވެ. ނަމަވެސް މި 2 ކެޓަގަރީ އަކީ ދިގު ފެތުމުގެ ޤައުމީ 14 ވަނަ މުބާރާތާ ގުޅިގެން ބާއްވާ ކޮމިއުނިޓީ 2 އިވެންޓެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކަމަށެވެ. އޮންލައިން ފޯމުގެ ލިންކް swimming.org.mv އިން ލިބޭނެއެވެ.