އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އިފްތިތާހީ ބަޔާން ހުށަހަޅަން 07 ދުވަސް ދީފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިހާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ބާއްވައިފައެވެ.
މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައި އޮތީ އިފްތިތާހީ ބަޔާން ހުށަހަޅައި ޝަރީޢަތް ފެށުމަށެވެ.
މިއަދު 09:00 ގައި އޮތް އަޑުއެހުމުގައި ނިހާނުގެ ދިފާޢީ ވަކީލު އެދިވަޑައިގަތީ މިދިޔަ ޖަނަވަރީމަހު އަމަލުކުރަން ފަށާފައިވާ ހެއްކާބެހޭ ޤާނޫނުގެ ދަށުން ހެކި ލިސްޓު މުރާޖަޢާކުރަން ފުރުސަތު ދެއްވުމަށެވެ.
ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރިއެވެ. ދައުލަތުގެ ވަކީލު ފާހަގަކުރެއްވި ނުކުތާއަކީ ހެއްކާބެހޭ ޤާނޫނަކީ ނިހާނުގެ މައްސަލަ ފެށުނު ފަހުން ވުޖޫދުވި ޤާނޫނެއްކަމަށްވާތީ މައްސަލައިގައި ފަހަތަށް ދިއުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމުގައެވެ.
ދައުލަތުގެ އެ އިއުތިރާޒު ގަބޫލުކުރައްވައި ގާޒީ ޢަލީ އާދަމް ނިންމެވީ ހެކި ލިސްޓު މުރާޖަޢާ ކުރަން ފުރުސަތު ނުދެއްވުމަށެވެ.
މީގެއިތުރުން ނިހާނުގެ ވަކީލު އެދިވަޑައިގަތީ އިފްތިތާހީ ބަޔާން ހުށަހެޅުމަށް ހަފުތާއެއް ދެއްވުމަށެވެ.
ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެއެވެ. އެ ގޮތުން ގާޒީ ވެސް ވަނީ އިފްތިތާހީ ބަޔާން ހުށަހެޅުމަށް 07 ދުވަސް ދެއްވައިފައެވެ.
ނިހާނުގެ މައްޗަށް ދަޢުވާ އުފުލީ އެމްއެމްޕީއާރްސީގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަތުން އެކި ފަހަރު މަތިން ފައިސާ ހޯއްދެވިކަމަށް ތުހުމަތުގައެވެ. އޭނާގެ މައްޗަށް ފުރަތަމަ އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއަކާއި، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެވެ.
ނަމަވެސް ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ އެއް ދަޢުވާ ވަނީ އަނބުރާ ގެންގޮސްފައެވެ.