މިދިޔަ ޖަނަވަރީމަހުގައި ވ.އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހަށިގަނޑު ފެނިފައިވަނީ ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
ގެއްލިގެން އޭރު ހޯދަމުން ދިޔައީ ގދ.ތިނަދޫ, މަނާރު, މުޙައްމަދު ނިޒާމް (45 އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން (35 އ) އެވެ.
އޭގެފަހުން ނިޒާމް މާލެއިން ފެނިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ މަރުގެ މައްސަލައެއްގެ ތުހުމަތުގައެވެ. ނަމަވެސް ފުލުހުން އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.
ލިޓަންގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހޯދަމުން ދަނިކޮށް ފެނުނު ހަށިގަނޑުން ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށް ބުންޏެވެ.