އިންޑިއާގެ މަޝްހޫރު ވިޔަފާރި ކުންފުނި އަދާނީ ގުރޫޕްގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ބާއްވަން ފަށައިފިއެވެ.
އެއްކޮޅުން ބިލިއަނަރު ގައުތަމް އަދާނީގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާގެ މުއްސަނދިކަން ހަލުވިކަމާއެކު ދަށަށް ދާއިރު، އަނެއްކޮޅުން ފެންނަމުން ދަނީ އަދާނީއާއި އޭނާގެ ގާތް އެކުވެރިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން މުޒާހަރާ ކުރަމުންދާތަނެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ”ހިންޑެންބާގް ރިސާޗް“އިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އަދާނީ ގްރޫޕަކީ މަކަރާއި ހީލަތް ހެދުމުގައި ގިނަ ދުވަސްތަކެއް ވާނދެން ހަރަކާތްތެރިވެފައިވާ ބައެއް ކަމަށެވެ.
އަދާނީ ގްރޫޕުން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް އެ ރިޕޯޓަށް ފަހު އަދާނީ އެންޓަޕްރައިސަސްގެ ހިއްސާ ދަށަށް ގޮސް 120 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
ނަރެންދުރަ މޯދީ އާއި ގައުތަމް އަދާނީއާ ގާތް ގުޅުމެއް އޮންނަ ވާހަކައަކީ އިންޑިއާގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އަދި މޯދީ، އަދާނީއަށް ތާއީދު ކުރައްވާ ކަމަށް ތުހުމަތުކޮށް މޯދީއާ ދެކޮޅު ފަރާތްތަކުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނަރެންދުރަ މޯދީ ވަނީ އަދާނީއަށް ކޮންޓްރެކްޓް ހޯދުމަށް ގަވައިދާ ޚިލާފަށް ނުހައްގުން އެހީތެރިވެދެއްވާފައެވެ. އަދި މޯދީގެ ސަރުކާރުން އެ ކޮންޓްރެކްޓްތަކުގެ ޗެކް އެންޑް ބެލެންސް ނުބަލަހައްޓައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެ މައްސަލައިން ދިފާއުވެވަޑައިގެންފަ އެވެ.
ބޮޑު ވަޒީރު މޯދީގެ ތަގުރީރުގައި އަދާނީ ގުރޫޕުގެ ވާހަކަ ނުދައްކެވި ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރީ ނަޒާހަތްތެރިކަމާއެކު ކަމަށް އިންޑިއާގެ ރައްޔިތުންނަށް ޔަގީންކަން އެބައޮތް ކަމަށް މޯދީ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވަނީ ގައުތަމް އަދާނީގެ މުއްސަނދިކަމާއި ވިޔަފާރި އިތުރުވީ ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮތުމުން ކަމަށް ވިދާޅުވެ ބޮޑުވަޒީރަށް ފާޑުވިދާޅުވެ މީގެ ކުރީން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
އަދާނީ ގްރޫޕްގެ މަކަރާއި ހީލަތުގެ ވާހަކަ ފެންމަތިވެ، އެކަމާގުޅިގެން އިންޑިއާގައި މުޒާހަރާތައް ބާއްވަމުންދާއިރު، އިދިކޮޅު ޕާޓީތަކުން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ބާރުއަޅައި ވާހަކަދައްކަމުންނެވެ.
ބުދަ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ނަރެންދުރަ މޯދީ ވިދާޅުވީ ދަތި ހާލަތްތަކުގައި ސަލާމަތް ހޯއްދަވައިދެއްވީ މޯދީކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކާއި އޮޅުވާލުންތައް ރައްޔިތުން ގަބޫލުކުރާނީ ކިހިނެއްތޯ އޭނާ ސުއާލު އުފެއްދެވި އެވެ.
މިލިއަނެއްހާ މީހުންގެ އިތުބާރަކީ އޭނާގެ ދިފާއުގައި އައްޑަނައެއްކަމަށާއި އެ އައްޑަނައަކީ އޮޅުން ބޮޅުން ބޮޑު ވާހަކަތަކާއި ތުހުމަތުތަކުން މުގުރާލެވޭނެ އެއްޗެއް ނޫންކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވި ނަމަވެސް، އިންޑިއާގައި އާދަނީ މައްސަލައިގެ ޚަބަރުތައް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.
މިދިޔަ މަހުގެ ނިޔަލަށް އޭޝިއާގެ އެންމެ މުއްސަނދި އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު އަދާކުރި، ގައުތަމް އަދާނީގެ މުއްސަނދިކަން ވަނީ އެ މައްސަލައަށް ފަހު ވަރަށް ބޮޑަށް ދަށްވެ، އެންމެ މުއްސަނދިންގެ ލިސްޓުގެ 17 ވަނަ އަށް ވެއްޓިފަ އެވެ. އަދި އަދާނީގެ ވިޔަފާރީގައި މަކަރާއި ޚިޔާނާތް އެކުލެވިފައި ވާކަމަށް ދެކެވެމުން ދާ ވާހަކަތަކާ ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ނަންފުޅު ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ.
މޯދީއަކީ ރަގަޅު މީހެއްނޫން. އެހެންނަމަވެސް މިދުވަސްކޮޅު މޯދީގެ މިމައްސަލަ ފެންމަތިކޮށްގެން އުޅެނީ ޔުކްރެއިން ރަޝިޔާ ގެ މައްސަލައިގައި އެމެރިކާ ކޮޅަށް ދީލާނުލާ ރަޝިޔާއާއިއެކު އިންޑިއާ އޮތުމުން އެކަމުގެ އަދަބެއްގެ ގޮތުންނެވެ.