ބޮލީވުޑްގެ ރަސްގެފާނު ޝާހު ރުޚް ޚާން ހިމެނެނީ އިންޑިއާގެ އެންމެ މުއްސަނދި ފިލްމީ ތަރިންގެ ތެރޭގައި އެކަންޏެއްނޫނެވެ. އޭނާއަކީ އޭނާއަކީ މުޅި ދުނިޔޭގެ އެންމެ މުއްސަނދި ފިލްމީ ތަރިންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. ކަން އެހެން އޮތުމުން އަގުބޮޑު ތަކެތި ގަނެ ހޯދައި ގެންގުޅުމަކީ އޭނާއަށް ދަތި އުނދަގޫ ކަމެއް ނޫނެވެ. އަދި އެއީ އޭނާ ޝައުގުވެރިވާ ކަމެއް ވެސް މެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓްގެ ގަދަ ފަހެއްގައި އޭނާ ހިމެނެއެވެ.
ޝާހު އެންމެ ފަހުން ކުޅުނު ފިލްމު ”ޕަޓާން“ ހޯދަމުންދާ އާދަޔާ ޚިލާފު ކާމިޔާބީގެ ސަބަބުން އޭނާގެ މަގުބޫލުކަން މިދުވަސްވަރު ދަނީ މެދު އުޑުގައި ފިޔަ ޖަހަމުންނެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ދުނިޔެ ދަނީ ފާރަލަމުންނެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހު ރުޚު ޚާން އަޅައިގެން ހުރި ގަޑި ފެނުމުން ވަރަށް ގިނަ ބަޔަކު ހައިރާންވެ ތަރިބުރައިގެން ދިޔައެވެ. އެއީ ގަޑި ހެދުމަށް މަޝްހޫރު އޯޑެމާސް ޕިގޭޓް މަރުކާގެ ގަޑިއެކެވެ.
އެ ގަޑީގެ އަގަކީ އިންޑިއާ ރުފިޔާއިން ބަލާނަމަ 4 ކުރޯޑު 98 ލައްކަ ރުޕީސްއެވެ. މި ފަދަ އަގު ބޮޑު އެތައް ގަޑިއެއް ޝާހު ގެންގުޅެއެވެ. ޝާހު ގެންގުޅޭ އަތުކުރީ ގަޑިތަކުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރައެވެ.