ކަނޑައެޅިފައި އޮތް މުއްދަތުތެރޭގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށާއި ރައީސް ޔާމީންގެ ވަކީލުންނަށް އިތުބާރު ކުރުމަށް ކޯލިޝަންގެ މެންބަރުންގެ ކިބައިން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެދިވަޑައިގެންފިއެވެ.
ވ.އާރަށު މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް, ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު ވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ. ނަމަވެސް އިސްތިއުނާފު ކުރުން ލަސްވާތީ އިދިކޮޅު ކޯލިޝަނުގެ ޢާންމު މެންބަރުންގެ ތެރޭގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
ސަބަބަކީ ޙުކުމް ދެމިއޮތްހައި ހިނދަކު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތެއް ނެތުމެވެ. އަނެއްކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓުމަހުގެ 03 ވަނަ ދުވަސްކަމަށްވާއިރު, އެ މުއްދަތުގައި ރައީސް ޔާމީންގެ މައްސަލަ ނުނިމިދާނެކަމަށް ގަބޫލުކުރާ ކުރުންތައް ވެސް އެބައޮތެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ކުރި އިހުތިޖާޖުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ނުކުރެވިގެން އެކަމާބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ވަރަށް ގިނަ ބޭފުޅުން އެބަ ދައްކަވާ ކަމަށާއި, ކަންބޮޑުވުން ހުރެގެން އެ ވާހަކަ ވެސް އެބަ ދައްކަވާ ކަމަށެވެ.
”އެކަމު ވެގެން މިއުޅޭ ގޮތަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދިންއިރު 400 ސޮފުހާ މަދުން ދިނީ. 400 ސޮފުހާ އޮތީ ކާލާފަ. މީ ސަރުކާރުން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވާ މިންވަރު. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކީ އެ މީހުން ކޮށާ މަށަން އޮންނަ އެއްޗެއްނޫން. އެ އެއްކޮށްދޭންޖެހޭ އެއްޗެއް އެއީ. އޭގެ ބައެއް ނުހިފެއްޓޭނެ. ނުފޮރުވޭނެ. އެކަމަކު ކަންތައް ހިނގާފަ އޮތް ގޮތަކީ މީ. އެހެންވެގެން މި ލަސްވަނީ.“
އަދުރޭ ވަނީ އެއްގޮތަކަށް ވެސް ރައްޔިތުން އުންމީދު ކަނޑައިނުލުމަށް އެދިވަޑައިގެންފައެވެ. އަދި ކަނޑައެޅިފައި އޮތް މުއްދަތުތެރޭގައި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
”އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އިތުބާރުކުރައްވާ. އެމަނިކުފާނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާ ކުރެވިގެން ކުރިއަށްދަނީ. ޔަޤީން އިރާދަކުރެއްވިއްޔާ އެ މައްސަލަ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފު ކުރެވޭނެ.“
ހައިކޯޓުގެ މަރުހަލާގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ހަދާނުގައި ޖަމީލަށް ޔާމީނު ދިން ލަނޑު ނެތަކަސް، އެފަކީރު ޔޫކޭގައި އަރުވާލެވިގެން ހުރި ހަދާން އެބަހުއްޓެވެ. ވ. ސަލާމް