އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ލިބިވަޑައިގެންފިނަމަ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ބުރަށް ދަތުރުކުރާނެ ކަމަށް ނުބެލެވޭކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.
ޠާރިޤް ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމަކީ ރައީސް ޞާލިޙަށްވުރެ ސީނިއަރ ޕޮލިޓީޝަނެއް ކަމަށާއި، ޤާސިމަކީ 1985 ވަނަ އަހަރުން ފެށިގެން އިސްލާހީ މަސައްކަތުގައި ދެމި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި 2018 ގައި ހާލަތްތަކެއް މެދުވެރިވެ ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެ ފަހަރަކު ޤާސިމްގެ ތާއީދު ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ޠާރިޤް ވިދާޅުވިއެވެ.
”އޮތް ގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ޞާލިޙް އެރުން. ނޫނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޤާސިމް ފަހަތަށް އެރުން. ރައީސް ނަޝީދުގެ ތާއީދު ޤާސިމަށް ލިބިއްޖެނަމަ ރައީސް ޞާލިޙް ދެވަނަ ބުރަށް ދަތުރުކުރާނެކަމަށް ނުބެލެވޭ.“
ރައީސް ޞާލިޙަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ. އެނގިފައިވާ ގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީއޭ އޮތީ ރައީސް ޞާލިޙާއެކުއެވެ. ރައީސް މައުމޫނުގެ އެމްއާރްއެމްއާއި ޖޭޕީގެ ގޮތެއް އަދި ނޭނގެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޤާސިމް އިބްރާހިމް ވާދަކުރައްވާނެއެވެ. އަދި މި މަހުގެ 24 ގައި އެ ޕާޓީގެ ޤައުމީ ޖަލްސާގައި އެ ގޮތަށް ނިންމާނެއެވެ.
ރައީސް ނަޝީދު ވެސް ވިދާޅުވަނީ ރައީސް ޞާލިޙްގެ ފަހަތަށް ޤާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް ކަމަށެވެ.