ރޯމާދުވާލު މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމު، އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ތަކެތި ވިއްކަން އުޅުނު ޒުވާނާ ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގެ މަތީގައި އިން ޒުވާން ފިރިހެނަކު ބަޔަކަށް މަސްތުވާތަކެތި ވިއްކާ މަންޒަރެވެ.
އެ ތަނަށް އައި ތިން މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އޭނާއަށް 100 ރުފިޔާ ދިނުމުން އެއިން ކޮންމެ މީހަކަށް ޕެކެޓެއް ދޭ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.