އެމްޑީޕީއަކީ ވަޢުދުވެ, ވަޢުދު ފުއްދާ ޕާޓީއެއް ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޢަލީ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ދެވޭނެ ރަށެއް ޒަމާނީ ފެންވަރަށް ތައްޔާރުކޮށް ހުޅުވިފައިވާ ކަމަށާއި އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ވަޢުދެއް ކަމަށެވެ.
”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރު ދެވޭނެ ރަށެއް ޒަމާނީ ފެންވަރަށް ތައްޔާރުކޮށް މިއަދު މިވަނީ ހުޅުވިފަ. މިއީ ރިޔާސީ ވަޢުދެއް. އެމްޑީޕީއަކީ ވަޢުދުވެ ވަޢުދު ފުއްދާ ޕާޓީއެއް.“ ނިޔާޒް ވިދާޅުވިއެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުވީ މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ. ރަސްމީކޮށް އެ ރަށް ހުޅުވައިދެއްވީ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
ކުޑަގިރި ހުޅުވާފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު ދަތުރު ދާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށެވެ. ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ މީހުންނަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ބުރާަސްފަތި ދުވަހު ހަވީރުއެވެ. އެ ގޮތުން ހިނދުކޮޅެއްގެ ތެރޭގައި 300 އެއްހައި މީހުން ބުކިން ކުރިއެވެ.