ހުޅުމާލޭގައި މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލޭގެ ފޭސް 1، އަދި ފޭސް 2 ގައި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ފެއަރ, ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ މީލާދީ އާ އަހަރު ފެށޭ ދުވަހާއި، އަހަރު ނިމޭ ދުވަހާއި، މިނިވަން ދުވަހާއި، ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާއި، އަޟްހާ ޢީދާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.
މިކަމަށް އެދޭ ފޯމު މާލެ ސިޓީ ކައުންސިލުގެ ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލް އިދާރާ/ހ.ހުޅުގަލި 01 ވަނަ ފަންގިފިލާއިން ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން މެންދުރުފަހު 13:30 އަށެވެ