މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށްގެން ރަށެއް ތަރައްގީކުރާނެ ކަމަށް މި ސަރުކާރުން ވީ ވަޢުދު ފުދިއްޖެ ކަމަށާއި، ބުރިޖު ވެސް އަންނާނެ ކަމަށާއި، ބޯހިޔާވަހިކަން ވެސް އަންނާނެ ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެެއެވެ.
ކ.ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދު ފުއްދަވައިފި ކަމަށާއި، ފެނިގެން މިދަނީ ރައީސް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ގެންދަވާ މަންޒަރު ކަމަށެވެ.
ރައީސްވަޢުދުތައް ފުއްދަވަމުން ގެންދަވަނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވައި ތަފާތުކުރުމެއްނެތި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
”އެއީ އެއްވެސް ބަޔަކު ބާކީ ނުކޮށް. އެއީ ކުޑަ ރަށެއް، ބޮޑު ރަށެއް، އެ އަތޮޅެއް، މި އަތޮޅެއް މާލެއެއް، އަތޮޅުތެރެއެއް ތަފާތު ކުރުމެއްނެތި. މީ [ކުޑަގިރި] މާލޭ މީހުންނަށް ވީ އެއް ވަޢުދު. މިއަދު މި އޮތީ މި ވަޢުދު ފުދިފަ. ދެން މި ވަޢުދުގައި ފެހިކަން ވެސް އަންނާނެ ރީތިކަން ވެސް އަންނާނެ މީހުން އައުން އިތުރު ވެސް ވާނެ މީހުން މަޖާ ވެސް ކުރާނެ އުފާ ކުރާނެ ކައިވެނިތައް ވެސް ހިނގާނެ.“
”އަދި ބުރިޖު ވެސް އަންނާނެ، އަންނާނެ އިނގޭތޯ. ބޯހިޔާވަހިކަން ވެސް އަންނާނެ. ދަތުރުފަތުރު ވެސް އަންނާނެ. އަންނާނެ އަންނާނެ މި ހުރިހާ އެއްޗެއް އަންނާނެ.“ އަސްލަމް އިތުރަށް ވިދާޅުވިއެވެ.
އަސްލަމް ވަނީ ކުޑަގިރި ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވި އެކި ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.