އެޗްޑީސީގެ އަމާޒަކީ ކުޑަގިރީގައި ގާއިމުކޮށްފައިވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުން ކަމަށާއި އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކ.ކުޑަގިރި މިއަދު ވަނީ ހުޅުވައިފައެވެ. އެ ރަށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އާތިފް ވިދާޅުވީ ރައްޔިތުންނަށް އުފާ ފާގަތި ހިތްގައިމު މާހައުލެއް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ކުޑަގިރި ތަރައްޤީކުރުމަށް ރައީސް ޞާލިޙްގެ ފަރާތުން ލިބުނު އިރުޝާދާއެކީ މަސައްކަތް ނިންމައިލެވުމަކީި މިއަދު ލިބޭ އުފަލެއް ކަމަށެވެ.
އަދި އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން ކަމަށް އާތިފް ވިދާޅުވިއެވެ.
”އެޗްޑީސީން މި ރަށް މެނޭޖުކޮށް ބެލެހެއްޓުމުގައި ވިސްނުމަކީ އަދިވެސް މިހާރު އަޅުގަނޑުމެން ގާއިމުކޮށްފައިވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުން. އިތުރަށް ފަސޭހަކުރުން. އިތުރަށް ލުއިކުރުން. ބޭނުމަކީ އަޅުގަނޑުމެންގެ ޒިންމާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުން. އެހެންވީމާ އަޅުގަނޑުމެން އެ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި އަރުވަން.“
މިފަދަ މަސައްކަތެއް ދެމި އޮންނާނީ މި ރަށް ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.