ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކަޑަ ޖައްސަވާ ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނަކީ މަޝްރޫޢުތައް ނިންމަވައި ރިބަން ކަނޑުއްވާ ބޭފުޅެއް ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކ.ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ސަޢީދު ވިދާޅުވީ ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އަދި އަންނަން އޮތް ޖީލުތަކަށް ވެސް ކުޑަގިރިއަށްވުރެ ބޮޑު ނިޢުމަތެއް ނުލިބޭނެ ކަމަށެވެ.
”އަޅުގަނޑު ބުނަން މި އުޅޭ އެއްޗަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ހުޅަނގަށް ކަޑަޖަހައި އިރުވަޔަށް އެތާގަ ދިޔަދޮވި އަޅާ ނޫނީ ތޮށަލި އަޅާ ބޭފުޅެއް ނޫނޭ. އެއްގޮތަކަށް ވެސް ގަބޫލުފުޅެއް ނުކުރައްވާ ބިންގަލެއް އަޅަން ވެސް. ތަކުރާރުކޮށް އަޅުގަނޑަކީ ރައީސް އަރިހު އެދޭ މީހެއް ބިންގާ އަޅަން. އެކަމު ރައީސް އިންކާރުކުރައްވާ. އެހެންވީމަ އެމަނިކުފާނަކީ އަބަދުވެސް ރިބަން ކަނޑުއްވާ ބޭފުޅެއް. އެމަނިކުފާނު ތައްޔާރީ ވެސް ފަރިތައީ ވެސް ކަތުރުން ރިބަން ކަނޑުއްވަން.“
ސަޢީދު ވަނީ ކުޑަގިރީގެ މަސައްކަތްތައް ކުުރިއަށް ގެންދިއުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ހުރިހާ ކުންފުނިތައް އަދި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައިފައެވެ.