ޖަޒީރާ ރަށްވެހިކަމުގެ ތަރައްޤީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިފެހެއްޓުމަކީ އިމްޕޮސިބަލް ކަމެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ޚާއްސަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކ.ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ކުޑަގިރިފަޅު ހިއްކި އެމްޓީސީސީގެ ސީއީއޯ އާޒިމްގެ ވާހަކައިގައި ވަނީ ކ.އަތޮޅުގައި ހިންގިފައިހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުވައިލައްވާފައެވެ.
”މިތާ ހުއްޓިހުރެ ނަޒަރު ހިންގާލާއިރު ކ.އަތޮޅުގެ ރަށްތަކުން މި ހިނގާ އޮޔާއެކު ކިޔައިދެނީ ވެސް ލައްކަ ވާހަކަ. ކިޔައިދެނީ މަނިކުފާނުގެ ޒަޢާމަތުގަ ހިންމަފުށީގަ ބަނދަރު ނިންމަވައިދެއްވި ވާހަކަ. ތިޔަ ޒަޢާމަތުގަ މާފުށީގެ ބިން ހިއްކައި ދެއްވައި އެ ރަށުގެ ޕިިކްނިކް އައިލެންޑް ވެސް ނިންމަވައިދެއްވި ވާހަކަ. މަނިކުފާނުގެ މި ދައުރުގެ ތެރޭގައި ގުރައިދޫގެ ބިން ހިއްކަވައި ދެއްވައި އެ ރަށުގެ ޕިިކްނިކް އައިލެންޑް ވެސް ނިންމަވައިދެއްވި ވާހަކަ. ހަމައެހެންމެ ހުރާގެ ބިން ހިއްކަވައި ނިންމައިދެއްވީ ވެސް މަނިކުފާނުގެ ސަރުކާރުން.“ އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގެ ތަރައްގީ އައިސް ގުޅިލާމެހިފައިވާ ގޮތާއި، ކުޑަގިރި މަޝްރޫޢުއަށް ބަލައިލިޔަސް ހާމަވަނީ ރައީސް ޞާލިޙަކީ ދިވެހިރާއްޖޭގެ ތާރީޚު ދުށް ތަރައްޤީގެ އެންމެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރުއްވި ރައީސްކަން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ވޯލްޑްކަޕް ފައިނަލްގައި އިދިކޮޅު ޓީމަށް މެސީ ހިފަހައްޓާނުލެވުނު ފަދައިން، ޖަޒީރާ ރަށްވެހިކަމުގެ ތަރައްޤީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް ޞާލިޙް ހިފެހެއްޓުމަކީ އިމްޕޮސިބަލް ކަމެކެވެ.