އިސްރާއީލަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒު ހިންގާ ދައުލަތެއްކަމަށް ވިދާޅުވެ އިސްރާއީލާއެކު އޮންނަ ގުޅުން ބާސެލޯނާ ސިޓީގެ މޭޔަރު ކަނޑުއްވާލައްވައިފި އެވެ.
ބާސެލޯނާގެ މޭޔަރު އަދާ ކޮލައު ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ ޓެލް އަވީވްއާ އެކު ބޭއްވި 25 އަހަރުވީ ޓްވިން ސިޓީސް އެއްބަސްވުން ވަގުތީ ގޮތުން ކަނޑުއްވާލެއްވިކަން އިއުލާން ކުރައްވާފަ އެވެ.
މި ނިންމުމަކީ ބާސެލޯނާ އާއި އިސްރާއީލާ ދެމެދު އޮންނަ މުއައްސަސާތަކުގެ ގުޅުމަށް އަސަރުކުރާ ނިންމުމެއް ނަމަވެސް އެގައުމުގެ ރައްޔިތުން ބައިވެރި ނުވާ ނިންމުމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް އިސްރާއީލުން ވަނީ އެއީ ގާނޫނާއި ހިލާފު އަދި ޔަހޫދީންނާ ދެކޮޅު ތުހުމަތުތަކެއް ކަމަށް ބުނެ އެ ތުހުމަތުތަކާ ދެކޮޅު ހަދާފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުއްވި ސިޓީއެއްގައި މޭޔަރު ކޮލާއު ވިދާޅުވީ މިއީ ފަލަސްތީނަށް ތާއީދުކޮށް ކެމްޕޭން ކުރަމުންދާ ދިހަވަރަކަށް ލޯކަލް ގްރޫޕްތަކާއި އެތައް ހާސް ބައެއްގެ އެދުމުގެ މަތީން ކުރެއްވި ކަމެއްކަމަށް ވިދާޅުވެފައެވެ.
މޭޔަރުގެ ސިޓީގައި އިސްރާއީލުގެ ގިނަ ސިޔާސަތުތަކެއް ފާހަގަކުރައްވާފައިވާއިރު އޭގެ ތެރޭގައި 55 އަހަރު ވަންދެން ހުޅަނގު އައްސޭރި ހިފައިގެން ތިބުމާއި އިރުމަތީ ގުދުސް ހިފެހެއްޓުމާއި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ އާބާދީތައް ބިނާކޮށް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ބާސެލޯނާ ސިޓީގެ މޭޔަރު ވިދާޅުވީ އިންސާނީ ހައްގުތައް ދިފާއުކުރާ މީހެއްގެ ހައިސިއްޔަތުން އޭނާއަށް ފަލަސްތީނުގެ އާބާދީގެ އަސާސީ ހައްގުތަކަށް އިސްރާއީލުން އަރައިގަތުމާ މެދު ފަރުވާކުޑަކޮށްލައްވައިގެން ނުހުންނެވޭނެ ކަމަށެވެ. އަދި ދެ ފުށް ކެހެރި ސިޔާސަތެއް ގެންގުޅެ، ބައިނަލްއަގްވާމީ މުއައްސަސާތަކުން ދިގު ޒަމާންތަކެއް ވަންދެން ލިޔެފައިވާ ގަރާރުތަކާއި ގަވާއިދާ ހިލާފު ކަންތައްތައް އިސްރާއީލުން ކުރަމުންދާއިރު އެކަންތަކާމެދު ލޯމަރާލައިގެން ހުރުމަކީ ބޮޑު ގޯހަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ އެތައް ސަތޭކަ އަނިޔާވެރި އަމަލުތަކެއް އިސްރާއީލުން ހިނންގާފައިވާ އިރު ވެސް އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރާ ބައެއް ގައުމުތަކުން ވަނީ އިސްރާއީލް ހިމާޔަތް ކުރުމުގެ އިންސާފެއް ނެތް ސިޔާސަތު ދަމަހައްޓާފައެވެ. އަދި އިސްރާއީލުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނާ މެދު ނަސްލީ ތަފާތުކުރުންތައް ހިންގައި ބޮޑެތި ލާއިންސާނީ އަމަލުތައް މެދުކެނޑުމެއް ނެތި ކުރަމުންނެވެ.
ތަހުލީލު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބާސެލޯނާގެ މޭޔަރުގެ މި ނިންމެވުމުން ކުރާނީ ރަމްޒީ އަސަރެކެވެ.
ސްޕޭންގެ ބާސެލޯނާއަކީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ވުމުގެ އިތުރަށް ބާސެލޯނާއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބުގެ މައި މަރުކަޒަށް ވާތީ ބާސެލޯނާގެ މި ނިންމުމުގެ ސަބަބުން އިސްރާއީލަށް ފާޑުކިޔާ މީހުންގެ އަދަދު އިތުރުވެގެން ދާނެއެވެ.