ކުޑަގިރިއަށް ދަތުުރު ދާ މީހުންގެ ތަޖުރިބާތަކަށް ބެލުމަށްފަހު, ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިއުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
މިއަދު ކުޑަގިރި ހުޅުވައިދެއްވުމަށްފަހު ރައީސް ޞާލިޙް ވިދާޅުވީ އެ ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން ލިބޭ ފީޑްބެކްއާ އެކީގައި، ކުރެވޭ ތަޖުރިބާތަކާ އެކީގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން ޕިކްނިކް އަންނަން ފެށުމުން ލިބޭ ފީޑްބެކްއާ އެކީގައި ކުރެވޭ ތަޖުރިބާތަކާ އެކީގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިޔުން. އަޅުގަނޑަށް ހަމަ ޔަޤީން މި ރަށަށް އައިސް އުޅެން ފެށުމުން އަދިވެސް މިއަށްވުރެ ރަނގަޅަށް މި ޚިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކާއި ގެންނަންޖެހޭ ބަދަލުތައް އެކްސްޕީރިއަންސް ކުރެވިގެންދާނެ.“
ރައީސް ވަނީ އެޗްޑީސީން އެ ބަދަލުތައް ގެންނާނެ ކަން ޔަޤީން ވެސް ކުރައްވައިފައެވެ.
”އަޅުގަނޑަށް ޔަޤީން އެޗްޑީސީގެ ހީވާގި މުވައްޒަފުން އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިއީ އަޅުގަނޑު މި ދެންނެވިހެން ހުރިހާ ރައްޔިތުންނަށް އުފާވެރިކަމާ އެކީގައި ޗުއްޓީ ހޭދަކޮށްލެވޭ ތަނެއްގެ ގޮތުގައި ވެގެންދާނެ.“
ކުޑަގިރި މި ހިސާބަށް ގެނެވިފައިވަނީ ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި, އޭގެތެރޭގައި ޕްލޭނިންގ މިނިސްޓްރީއާއި، އެޗްޑީސީއާއި، އެމްޓީސީސީއާއި، ސްޓެލްކޯއާއި، ފެނަކައާއި، ވެމްކޯއާއި، އެމްޑަބްލިޔުއެސްސީގެ އިތުރުން މަސީއާއި އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ ވަރަށް ދީލަތި އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.