މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަކޮށްގެން ތަރައްގީކުރި ކ.ކުޑަގިރި ކައިރީގައި ސްކޫލު ދަރިވަރުންނަށް ޚާއްސަ ރަށެއް ތަރައްގީކުރަން ނިންމާފައިވާ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކުޑަގިރި ތަރައްގީ ކުރަމުން އައިއިރު, އެ ރަށާ ޖެހިގެން ކުޑަރަށެއް ތަރައްގީކުރާނެ ވާހަކަ މީގެކުރިން އިއުލާނު ކުރައްވާފައިވާނެ ކަމަށާއި އެއީ ތަޢުލީމު ހާސިލު ކުރަމުން އަންނަ ކުދިންނަށް ޚާއްސަކޮށްގެން ތަރައްގީ ކުރާ ރަށެއް ކަމަށެވެ.
“މި ރަށް އަޅުގަނޑުމެން ޑިވެލޮޕް ކުރަމުން އައިއިރުގައި މި ރަށާ ޖެހިގެން އަދި ކުޑަރަށެއް ޑިވެލޮޕް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ އިޢުލާނު ކޮށްފައި. އެއީ އެޑިޔުކޭޝަން ދާއިރާގައި ތަޢުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް ކޭމްޕްކޮށް ސްކައުޓުންނާއި ގާރލްގައިޑުންނަށް އެ ޚިދުމަތް އެ ފަރާތްތަކަށް ލިބޭގޮތަށް ތައްޔާރުކުރެވޭ ރަށެއް.“
ރައީސް ވިދާޅުވީ އެޗްޑީސީއާ ކުޑަގިރި ހަވާލުކުރީ އިތުރު ކުޑަ ރަށެއް އެ ސަރަހައްދުގައި ގާއިމުކުރުމަށް ޝަރުތުކޮށްފައި ކަމަށެވެ.
“އެހެންވީމާ އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުގެ އިލްތިމާސަކީ މިކަން އެޗްޑީސީއިން ލަސްނުކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ސްޓޫޑަންޓުންނަށް ދަރިވަރުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުން.“
ކުޑަގިރި ކައިރީގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ކުދިންނަށް ޚާއްސަކޮށްގެން ރަށެއް ތަރައްގީކުރަން ނިންމާފައިވާއިރު, މިއީ ރާއްޖޭގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ކުދިންނަށް ޚާއްސަކޮށްގެން ތަރައްގީކުރެވޭ މިފަދަ ފުރަތަމަ ރަށެވެ.