ރާއްޖޭގެ ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ގާއިމުކުރަން ނިންމައި، ޑޭޓާބޭސްގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ފުރުސަތު ހުޅުވާލައިފިއެވެ.
ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ގާއިމުކުރަން ނިންމާފައިވަނީ, އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ”މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް“ ގެ ދަށުންނެވެ.
އެ ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ.
ޕްރޮގްރާމުގެ މަގުސަދަކީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފުކޮށް ދިނުމެވެ.
ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ތިލަދުންމަތީ އުތުރުބުރި އަދި ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ 26 ރަށަކަށެވެ. މީގެ އިތުރުން މިޕްރޮގްރާމްގެ މައިގަނޑު އެއް މަގުސަދަކީ ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށްދިނުމެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިވެރިންގެ ރަޖިސްޓްރީއެއް އެކުލަވައިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރަޖިސްޓްރީގެ ޒަރީއާއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ވިޔަފާރރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޑޭޓާބޭސްއެއް ގާއިމުކުރެވިގެން ދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
”ޕްރޮޖެކްޓްގެ ތެރެއިން މި ދެންނެވި ދަނޑުވެރި ވިޔަފާރިތަކުގެ ރަޖިސްޓްރީގެ އަލީގައި ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދެވި އަދި ވިޔަފާރީގެ މުޢާމާލާތު ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރެވިގެންދާނެ. މި މަސައްކަތް ކުރުމަށް މެޕް ޕްރޮޖެކްޓުން ރޭވިފައިވަނީ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ އުފެއްދުންތަކެއް ބާޒާރުގައި ލިބޭނެ މަގުފަހިކޮށްދިނުން. އެހެންކަމުން އިސްވެ ދެންނެވުނު ޑޭޓާބޭސްގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ފޯމް ހުށައެޅުއްވުން އެދެން.“
ރެޖިސްޓްރޭޝަން ފޯމް މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ އިމްޕްލިމެންޓޭޝަން ޔުނިޓްއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 3033400 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.