މިއަދު ޝަރުޢީ ދާއިރާ މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ރައްދު ދެއްވައިފިއެވެ.
ގަޟާއީ އައު އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާއެކު މުސްތަޤިއްލު ބާރެއްގެ ގޮތުގައި ކަމަށާއި، ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށެވެ.
”ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަތަކާ ގުޅިގެން އުޝާމް ވިދާޅުވީ ކުރިން ތިއްބެވި ފަނޑިޔާރުން ބޭރުކޮށްފައި މިސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަން ކުރެއްވުމަކީ ޝަރުއީ ދާއިރާ މިނިވަންވުމެއްނޫން ކަމަށެވެ. އަދި 4 އަހަރުވެގެން ދިޔައިރު ޖުޑީޝަލް ސަރވިސް ކޮމިޝަން ބަދަލެއްނުވި ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
”4 އަހަރުވެގެން ދިޔައިރު, ވަޢުދުވިގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން ރަގަޅުވާނީ.“ އުޝާމް ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުން އަންނަ ފެހި ޤާނޫނުއަސާސީއާއެކު ޖޭއެސްސީ އުފައްދައި އެ ކޮމިޝަން ހިންގަމުން އަންނަނީ ޤާނޫނުއަސާސީން ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތަށް ކަމަށާއި، އޭގެ ފަހުން މިވީ 14 އަހަރުގެ ތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވުނު ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވީ އެކަން ކުރެވެން އޮތީ ޤާނޫނުއަސާސީއާއި ޖޭއެސްސީގެ ޤާނޫނު އިސްލާހުކޮށްގެން ކަމަށާއި އެކަމަށް ބޭނުންވާ ބިލްތައް އެކުލަވާލައި ނިމި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށެވެ.