ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަނުގެ ގޮތުގައި ފެންނަން އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ މިހެން ވިދާޅުވީ، ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ.އަތޮޅު ދޮންފަނުގައި އިއްޔެ ބޭއްވި 2 ވަނަ ”ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް“ ޝަރަފުވެރިކޮށްދެއްވައިފި ދެއްކެވި ވާހަކަފުޅުގައެވެ.
ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ގޮތުން ރަށްރަށުގެ ގޮނޑުދޮށްތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަށްފަހު އެއްލައިލާ ފިލްޓަރު ފަދަ ތަކެތި މުސްތަގުބަލުގައި ތުއްތު ކުދިންނަށް ފެނުމުގެ ފުރުސަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއެއްގެ ގޮތުގައި ވެގެންދާނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލަކީ ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ގަދަރާއި ލޯބި އާލާކުރުމުގެ މަގުސަދާއެކު ސޮނެވާ ނަމޫނާއިން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ.
ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ފަހަރުގެ ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތަކާއި, ވޯޓަރ ޕޯލޯ މުބާރާތެއް ވެސް ކުރިޔަށްގެންދިޔައެވެ.