”ކުޑަގިރި“ މިއީ މިހާރު ބޭނުންކުރަން އެހާ ފަސޭހަ ބަހެއްނޫން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޑަގިރި ފަޅު ހިއްކައިގެން ތަރައްޤީކުރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ހިތްހަމަޖައްސާލުމަށްޓަކައި މީގެކުރިން ދާން ބޭނުންކުރީ މާލެ ކައިރީގައި އޮތް ކުނޑަބަނޑޮސް ކަމަށެވެ. ނަމަވެސް ކުޑަބަނޑޮސް ވަނީ އޭރު އޮތް ސަރުކާރުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަތުލައި އެ ރަށަށް ނުދެވޭގޮތް ހަދާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
”މިއީ ބޮޑު ކަންބޮޑުވުމަކަށް މާލޭގައި ދިރިއުޅޭ މީހުންނަށް އޮތީ މި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެފައި.“
”މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ރައްޔިތުންނަށް މި އުފާވެރިކަން ހޯދައިދިނުމަށް. މި ހަމަޖެހުން ހޯދައިދިނުމަށް. ”ކުޑަގިރި“ ދެން މިއީ މިހާރު އެހާ ފަސޭހަ ބަހެއް ނޫން އަޅުގަނޑަކަށްވެސް ބޭނުން ކުރާކަށް.“
ނަމަވެސް ކުޑަގިރި ހިއްކައި ތަރައްޤީކޮށް މިހާ ހިސާބަށް ގެނައީ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ވަރަށްގިނަ ވަސީލަތްތައް އިތުރުކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތުން މި ރަށަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
Fr fr bro