ދިގުލައިގެން ގޮސްފައި އޮތް އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް އެންމެފަހުން އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވީ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރްޑީސީ އިން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައި ކަމަށެވެ.
އަކްރަމް ވިދާޅުވީ މިކަން މި ގޮތަށް ކުރީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީ މަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ބުނީ އަންނަ ސެޕްޓެމްބަރު މަހު ހަތަކަށެވެ.
އެމްޓީސީސީ އާއި މަސައްކަތް ހަވާލު ކުރުމުން ދެން މަސައްކަތުގެ ސްޕީޑަށް އަންނާނެ ބަދަލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.