ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސައިފި އެވެ.
ޖޭޕީން ބުނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިހާނަށް އެޑްވައިޒަރު ކަމުގެ ލިޔުން ދެއްވީ ގާސިމް ކަމަށެވެ.
ނިހާން އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. ޕީޕީއެމް ދޫކޮށް ނިހާން ފަހުން ޕީއެންސީ އަށް ސޮއިކުރިއިރު ޔާމީންގެ ވެރިކަން ބަދަލުވުމުން ނިހާން ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފަ އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ނިހާން ކުރިމަތިލެއްވި އެވެ. ނަމަވެސް އެ އިންތިހާބުން ބޮޑު ތަފާތަކުން ނިހާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލާފަ އެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.
ދައުވާތަކާ ގުޅިގެން ނިހާން ވަނީ ސިޔާސީ މައިދާނާ ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންފަ އެވެ.