ދައްކާ ވާހަކަ އަޑު ނާހާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ރަށުން ވެސް ބާލާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގައި ނިހާދު ވިދާޅުވެފައި ވަނީ އިންޒާރުދީ ބިރުދައްކައި ހަޑިއެއްޗެހި ގޮވިޔަސް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި ރައީސް ނަޝީދު ވިޔަސް ގޮވިއެއްޗެއް ގޮވަން އެނގޭނެ ކަމަށެވެ. އޭގެ ރައްދުގައި ނަޝީދު ވިދާޅުވީ ނިހާދަށް ނޭނގޭނެ ކަމަށާއި މާ ގަދައެއް ނުވާނެ ކަމަށާއި އެހެންކަމުން މައިތިރި ވެގެން ހުންނެވުމަށެވެ.
”އެކަކީ ވެސް މާ ގަދަ މީހެއް ނޫން. ގޮވިއްޔާ ގޮވާނަން. ވަރަށް ވެދުން.“ ނަޝީދަށް ދެއްވި ރައްދުގައި ނިހާދު ވިދާޅުވި އެވެ.
އެއަށް ދެން ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ނިހާދަށް ދެން އެންމެ ވޯޓެއް ވެސް އޭނާގެ ދާއިރާއިން ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ނިހާދު ގްރޫޕަށް މެސެޖް ނުކުރެއްވުމަށް ވެސް އިންޒާރު ދެއްވި އެވެ. އޭގެ ރައްދުގައި އޭނަ އަށް ނިސްބަތް އެއްކޮށް އެއްޗެހި ވިދާޅުވާ ނަމަ ”ކޮށްފިއްޔާ ކުރާނަން“ ކަމަށް ވިދާޅުވެފައިވެ އެވެ. އެ ވާހަކަ އަށް ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ ”ބަލަ ދައްކާ ވާހަކަ އަޑުއަހާ. ނޫނީ ރަށުން ވެސް ބާލާނެ“ ކަމަށެވެ.
ނިހާދަށް ނަޝީދު ދެއްވި މި އިންޒާރާ ގުޅިގެން ނިހާދުގެ ސަޕޯޓަރުންތަކެއް ނަޝީދަށް ފާޑު ވިދާޅުވެ، އެ މުއާމާލަތުގެ ސްކްރީންޝޮޓްތަކާ އެކީ ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެ އެވެ. އަދި އިންޒާރު ދިން މައްސަލަ ފުލުހުން ބެލުމަށް ވެސް ބައެއް މީހުން ގޮވާފައިވެ އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވި ނިހާދަކީ ޕްރައިމަރީ ކެމްޕޭނުގަ އާއި އޭގެ ފަހުން ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ. ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވި އިރު، ނިހާދުގެ ދާއިރާ އިން އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ނަޝީދަށެވެ.