ހުޅުމާލޭގައި ސްމާޓް ޕާކިން ތައަރަފްކުރުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނު (އެޗްޑީސީ) އިން ކުރަމުން އެބަ ގެންދެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ، ސްމާޓް ޕާކިންގ ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންދާ ކަމަށާއި، އެ ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި އެބަ ކުރިއަށް ދާ ކަމަށެވެ.
އެޗްޑީސީ އިން ބުނެފައިވަނީ، ސްމާޓް ޕާކިންގގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރ ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެ ކަމަށާއި އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ އެ ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެ ކަމަށެވެ.
މީގެއިތުރުން، ހަމަ އެކަނި ކާރު ޕާކިންގއަށް ކަނޑައެޅިފައިވާ އެ ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ބުނެފައިވަނީ، ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށާއި އަދި އެ އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް ކަމަށެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ އެ އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ.