އަމީނީ މަގު ހެދުމުގެ 4 ވަނަ ސެގްމަންޓްގެ މަސައްކަތް ފަށައިފިއެވެ.
4 ވަނަ ސެގްމަންޓްގައި ހިމެނެނީ ސްޓެލްކޯއިން ފެށިގެން އެވިޑް ކޮލްޖްއާ ހަމައަށެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. އަދި ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު މިވަނީ 3 ސެގްމަންޓްގައި ތާރުއެޅުން ނޫން ހުރިހާ މަސައްކަތެއް ނިންމާ ސެގްމަންޓް 4 ގެ މަސައްކަތް ފަށާފައެވެ. މިގޮތުން ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އާރް.ޑީ.ސީން ވަނީ މާލެގެނެސްފައެވެ. އެގޮތުން ބިލަބޮންގް ސްކޫލާއި ހިސާބަށް ތާރު އެޅުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މާރިޗުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، މާރިޗުމަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. އަދި އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވަނީ ވިދާޅުވެފައެވެ.