ޢަދުލު އިންސާފު ޤާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުހަލާތަކުން ހާސިލުވާ ކަމެއް ނޫން ކަމަށާއި އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ޤާއިމުކުރެވޭ އެއްޗެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގަޟާއީ އާ އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ ތަޙުޤީޤީ މަރުހަލާއިން ފެށިގެންދަޢުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުހަލާތަކަކީ ވެސް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ވަރަށް މުހިންމު މަރުހަލާތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްޓަކައި ތަޙުޤީޤީ މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
”ޢަދުލު އިންސާފު ޤާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުޙަލާތަކުން ހާސިލުވާ ކަމެއް ވެސް ނޫން. ޢަދުލު އިންސާފުގެ ދާއިރާ އެއަށްވުރެ މާ ފުޅާ. އެއީ މުޅި ދައުލަތުގެ ޒިންމާއެއް. އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ޤާއިމުކުރެވޭ އެއްޗެއް.“
މިކަމުގައި ޤާނޫނީ ވަކީލުންގެ ދައުރު ވެސް ހަމަ އެހާ މުހިންމު ކަމަށާއި، ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ފަނޑިޔާރުގެއިން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ހިއްސާއަކީ ތަޙުޤީޤުގެ މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާގައި ޤާނޫނީ ވަކީލުން އަދާކުރާ މުހިންމު ދައުރު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނީ ވަކީލުންގެ ވެސް އެންމެ މަތީ ޒިންމާއަކަށް ވާންޖެހޭނީ ޢަދުލު އިންސާފު ޤާއިމުކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢަދުލު އިންސާފު ލިބުމަކީ ދައުލަތުގެ ދުސްތޫރުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެން އެ ޤައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެންއުޅޭ ހަމަ ކޮންމެ މީހަކަށްމެ އެ މީހެއްގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުން ކަމަށެވެ. އަދި ޢަދުލު އިންސާފު ލިބުމަކީ ބޯހިޔާވަހިކަމުން ވެސް ސިއްހަތު ސަލާމަތް ކުރުމުގައި ވެސް ތަޢުލީމު ހޯދުމުގައި ވެސް އެ މީހަކަށް ޙައްޤު މިންވަރު ލިބުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރަމުން މި ގެންދަވަނީ އެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.