މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ޚާއްސަކޮށްގެން ތަރައްޤީކުރި ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ މީހުންނަށް ބުކިން ހެދުމުގެ ފުރުސަތު މިއަދު ހަވީރު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހަވީރު 16:00 އިން ފެށިގެން އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓުން ބުކިންސް ހެދޭނެ ކަމަށެވެ.
ކުޑަގިރި ޢާންމުނަށް ހުޅުވައިލާނީ އަންނަ ހޮނިހިރުގައެވެ.
ހުޅުވާ ދުވަހު ޖާގަދޭނީ 300 މީހުންނަށް.
އޭގެ ފަހުން 600-500 އާ ދެމެދުގެ ޢަދަދަކަށް މީހުންނަށް ޖާގަދޭނެ.
ރަށް އެއްކޮށް ހުޅުވާލުމާއެކު އެއްފަހަރާ 1200 އެއްހައި މީހުންނަށް ޚިދުމަތްދެވޭނެ.
ބުކިން ހަދާއިރު ދަތުރު ދާ އެންމެންގެ އައިޑީކާޑުގެ މަޢުލޫމާތު ދޭންޖެހޭ.
ބުކިން ހަދާއިރު އޮންލައިންކޮށް ވެސް ފައިސާ ދެއްކޭނެ.
ދިވެހިންނަށް ކަނޑައަޅާފައިވާ އަގުތައް:
ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް އެރުމާއި ފެރީ ދަތުރު ހިލޭ.
ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50 ރ. އަދި ފެރީ ދަތުރަށް 50 ރ.
2 އަހަރުން ދަށުގެ ކުދިން އަދި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ.
ބަންދު ނޫން ދުވަސްތަކުގައި 11-2 އާ ދެމެދުގެ ކުދިންނަށް 25 ރ.ފީއެއް
އެޗްޑީސީން ބުނި ގޮތުގައި ބިދޭސީންނާއި ފަތުރުވެރިންނަށް ކޮންމެ ދުވަހަކު ވެސް ކުޑަގިރިއަށް ދެވޭނީ ފީ ދައްކައިގެންނެވެ. އެ ގޮތުން ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ކުޑަގިރިއަށް އެރުމަށް 75 ރ. އަދި ފެރީއަށް 100 ރ. ނަގާނެއެވެ. ފަތުރުވެރިންނަށް ކުޑަގިރިއަށް އެރުމަށް 100 ރ. އަދި ފެރީއަށް 150 ރ. ނަގާނެއެވެ.
އެޗްޑީސީން ބުނީ ފެރީގެ އަގުތައް ކަނޑައަޅާފައިވަނީ ދެކޮޅަށް ކަމަށެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި ކުޑަގިރިއަށް ދާން ފެރީ ފުރަން ހަމަޖެހިފައިވަނީ ހުޅުމާލެއާއި މާލޭގެ ފެރީ ޓާމިނަލުންނެވެ. އެ ގޮތުން ހެނދުނު 6:30 އިން ފެށިގެން ދުވާލަކު ދެ ދަތުރު ކުރާނެއެވެ.