ބާރުގަދަ ބިން ހެލުމެއް އައި ތުރުކީގައި މި ވަގުތު 14 ދިވެހިން އެބަތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ހޯމަދުވަހުގެ ރޭ ފަތިހު ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން، އެ ޤައުމުގައި ތިބި ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީ އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި މިހާތަނަށް 14 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މިނިސްޓްރީން ބުނީ އެ މީހުންނަށް ގުޅައި ހާލު ބަލަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންވާނަމަ، 7983400 އަށް ގުޅުމަށް އެދިފައެވެ. އަދި ރަޖިސްޓްރީނުވާ މީހުން ވީ އެންމެ އަވަހަށް ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފައެވެ.