މުޙްޔިއްދީން ސްކޫލް މަލްޓިޕަރޕަސް ހޯލު ޢިމާރާތުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ވަނީ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިވްސްއާއެކު ސޮއިކޮށްފައެވެ.
365 ދުވަސްތެރޭ ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކުރީ 12,211,999.62 ރުފިޔާއަށެވެ.
މުޙްޔިއްދީން ސްކޫލަކީ މާލޭގެ ސްކޫލުތަކުގެ ތެރެއިން މަލްޓިޕާޕަސް ހޯލެއް ނެތް ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމަށް ބަޖެޓު ކުރެވުނެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެ މަސައްކަތް ހިމެނިއެވެ.
އެ ގޮތަށް ބަޖެޓު ކުރެވުނު ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެކަމާ ގުޅިގެން މިދިޔަ އަހަރު ސެޕްޓެމްބަރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއަކަށް ވިދާޅުވެފައިވަނީ މިހާރުގެ ޑިޒައިނަށް ހުންނަ މަލްޓިޕާޕަސް ހޯލެއް ނޫނަސް އެ ސްކޫލުގަ ހޯލެއް ހުންނަ ކަމަށާއި ނަމަވެސް އެ ތަން ތަންކޮޅެއް ކުޑަ ކަމަށެވެ. އަދި ކުރިން ކުރި ތާވަލާ އެއްގޮތަށް ކޮންސެޕްޓާއި ޑިޒައިންގެ މަސައްކަތް ފެށި ނަމަވެސް, އޭރު ސްކޫލުން އެންގީ އެ ތަނުގައި އެ ސުކޫލުން ބޭނުންވާވަރުގެ ހޯލެއް ނުހެދޭނެކަމުގެ ވާހަކަ ކަމަށާއި, އެ ގޮތަށް ހޯލު އަޅާނަމަ, މިހާރު އެ މީހުން ބޭނުންކުރަމުންދާ ސެން ކްލާސްރޫމާއި އިތުރު ޢިމާރާތްތަކެއް ތަޅައިލަންޖެހޭ ކަމަށެވެ.
އެހެން ލޮކޭޝަނަކަށް މަލްޓިޕާޕަސް ހޯލު ބަދަލުކޮށްދިނުމަށް ސްކޫލުން އެދުމުން އެކަން ލަސްވީކަމަށް ވެސް ޑރ.ޢާއިޝަތު ޢަލީ އޭރު ވިދާޅުވިއެވެ.