ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ރާއްޖެއިން ބިން ދޫކުރާ ކަމަށް ބުނެ އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިހުތިޖާޖު ކުރުމަށް ނިންމައިފިއެވެ.
ޕީޕީއެމްއިން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ރާއްޖެއިން ބިން ދޫކުރާ މައްސަލައާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ނިންމާފައިވަނީ ފެބްރުއަރީ 17 ވާ ހުކުރު ދުވަހު ކަމަށެވެ.
”ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ރާއްޖެއިން ދޫކުރާ ބިންތައް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އަތުލާނެ. މިކަމާ ދެކޮޅަށް ފެބްރުއަރީ 17 ވާ ހުކުރު ދުވަހު މި ކޯލިޝަނުން އިހުތިޖާޖު ކުރުމަށްވަނީ ނިންމާފައި.“ ޕީޕީއެމްއިން މިއަދު ކުރި ޓުވީޓެއްގައި ބުންޏެވެ.
ތިލަފުށިން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ނަމަވެސް ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ރައްޔިތުންނަށް އޮޅުވައިލުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.