ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނީ ރައްޔިތުންނަށް އޮޅުވައިލުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ތިލަފުށިން ދިވެހިންނަށް ބިން ވިއްކުމަށާއި, ބޭރު މީހުންނަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
މިއުވާން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށް ޤާނޫނުއަސާސީގައި އޮންނާނެ ކަމަށެވެ.
”އެހެންވީމަ ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަކަށެއް ކަމެއް ނުކުރާނެ. އަދި އެޗްޑީސީން އެކަހަލަ ގޮތަކަށް ނޫން ކަންނޭނގެ އިއުލާނު ކޮށްފަ ވެސް އެ އޮތީ. ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ވާހަކަ.“
މިއުވާން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ އެކިއެކި ކުންފުނިތަކާ ގުޅިގެން ވިޔަފާރި ކުރާއިރު ބޭރުގެ އިންވެސްޓަރުން ވެސް ރާއްޖެ އަންނާނެ ކަމަށެވެ.
”ރިސޯޓުތައް ވެސް…ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 99 އަހަރަށް ނުވަތަ 40 އަހަރާއި 50 އަހަރަށް ވެސް ކުއްޔަށް އެބަ ނަގާ އެއީ ހަމަ ބޭރު އިންވެސްޓަރުން. އެ ރިސޯޓު ވިއްކައިލަނީކީ ނޫނެއް ނޫންތޯ. އެ ގޮތަށް ހަމަ ރާއްޖޭގެ ސިނާޢީ މަސައްކަތް ކުރާ ބިމެއް ކުއްޔަށްދޫކުރާ ވާހަކަ މި ދެކެވެނީ.“
މިއުވާން ބިން ވިއްކާ ކަމަށް ބުނެ ސިޔާސީ ބޭނުމަކަށް އެކަން އޮޅުވައިލަން ބައެއް ބޭފުޅުން މަސައްކަތް ކުރިކަމުގަ ވީނަމަވެސް ރާއްޖޭގެ ބިމެއް ބޭރުގެ ފަރާތްތަކަށް އެ ގޮތަކަށް މިލްކެއް ނުކުރެވޭނެކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
”އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވައިލުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު މިކަން ސިފަކުރަނީ.“
ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވައިލުމަށް ނިންމާފައިވާއިރު, ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ވަނީ 50 ބިން ވިއްކުމަށް ހުޅުވައިލާފައެވެ.
ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް/ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެއެވެ. ބީލަން ހުށަހެޅޭ އެންމެދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާއެވެ.
އެޗްޑީސީން ބުނީ ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓު ބިން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
Thi vaahakain dheyha vee bin nuvikkaa hiley saabahah binthah dheyne Kan, adhi MAA nurakkaa vejje thaa.
Bin nuvihka dhuniyeege umurah kuhyahdhenee ok dho