މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ އާސަންދައިން އެ މަހު ކުރި ޚަރަދާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މި މަހުގެ 07 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީގައި 67.9 މިލިއަން ރުފިޔާ އާސަންދައިން ޚަރަދުކުރިއިރު މި އަހަރުގެ އެ މުއްދަތުގައި 283.4 މިލިއަން ރުފިޔާ އާސަންދައަށް ޚަރަދުކުރެވިއްޖެ ކަމަށެވެ.
އެއީ އެތެރޭގެ އިންތިޚާބަކާ ގުޅިގެން އައި ބަދަލެއްތޯ ނޫނީ ޙަޤީޤަތުގައި ވެސް ބަލި މީހުން ހަތަރު ގުނަ އިތުރުވީތޯ ސުވާލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ޖެނުއަރީ މަހުގައި އާސަންދައަށް ކުރި ޚަރަދު ވަކި ބޮޑެއް ނުވާ ކަމަށެވެ. އަދި ފެންނަން ހުރި ނަންބަރުތަކަށް ބަލާއިރު ވެސް އާސަންދައިން އެކި މަސްމަހުގައި ޚަރަދުކޮށްފައި ހުންނާނީ އެކިވަރަށް ކަމަށާއި، އެތެރޭގެ އިންތިޚާބާއި އާސަންދައިގެ ޚަރަދާ ގުޅުވަންވީ ކީއްވެ ކަމެއް ނުވިސްނޭ ކަމަށެވެ.
”އިންތިޚާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެންދާކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް.“
މިއުވާން ވިދާޅުވީ އާސަންދައިން އެ މަހަކު ޚަރަދުކުރަނީ ހަމަ އެ މަހުގަ ޑޮކްޓަރަށް ދެއްކި މީހުންގެ ބިލުތަކަކަށް ނޫން ކަމަށެވެ. އަދި އޭގެ ކުރީ މަސްމަހުގައި އެކިއެކި ހޮސްޕިޓަލުތަކާ ކްލިނިކްތަކުން ފޮނުވާފަ ހުންނަ ބިލުތަކަށް ފައިސާ ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.