ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާތީ, އެ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އަނެއްކާ ވެސް އެ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ޑީއާރްޕީ އުވައިލަން ނިންމީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އީސީއަށް ތިން މަސް ދުވަހުގެ ތެރޭގައި އެ ޢަދަދަށް މެންބަރުން ހަމަނުކުރެވުމުންނެވެ.
ޑީއާރްޕީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ނިންމުމުގައި ވަނީ ޑީއާރްޕީން ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިޙްތިޞާޞްގެ ތެރޭގައިވާ މައްސަލައެއް ނޫންކަމަށެވެ.
”..ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާތީއާއި ޑީއާރްޕީގެ ފަރާތުން ސިޔާސީ ޕާޓީއާބެހޭ ފޯމުން ހުށަހަޅާފައިވާ މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތްކަން އެންގީމެވެ.“ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ޑީއާރްޕީން ވަނީ އަލުން މައްސަލަ ހުށަހަޅައިފައެވެ. މިފަހަރު އެ މައްސަލަ ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.
އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.