އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިހާރުގެ އަދި ކުރީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
”އިބޫ ފަހަތަށް ޤާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ. އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ނަޝީދާއެކު ޤާސިމް އިއްތިހާދެއް ހެއްދެވުމުން ކުރައްވަންޖެހުނު ހިތި ތަޖުރިބާ ޤާސިމް ހަނދުމަފުޅެއް ނުނެތޭ ކަމަށެވެ.
ޝަރީފްގެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ ޝަރީފުމެންނަށް އެނގިވަޑައިގަންނަވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
”ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި މިއީ ޤާސިމްގެ ރަނުގެ ފުރުސަތު“
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޖޭޕީއަކުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ޖޭޕީން ވަނީ މި މަހުގެ 24 ގައި އެ ޕާޓީގެ ޤައުމީ ޖަލްސާ ބާއްވަން ނިންމައިފައެވެ. ކެންޑިޑޭޓަކު ނެރޭނީތޯ ނޫނީ ކޯލިޝަނަކާއެކު ކުރިއަށްދާނީތޯ އެ ޖަލްސާގައި ނިންމާނެއެވެ.