މާލެއިން ގެއްލިގެން ހޯދަމުން އަންނަ ސ.މަރަދޫފޭދޫ/ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް އަދިވެސް ނުފެންނަ ކަމަށްއޭނާގެ ޢާއިލާއިން ބުނެފިއެވެ.
ޢުމުރުން 31 އަހަރުގެ އާސިރުއަށް ވީނުވީއެއް ނޭނގި ގެއްލިގެން ޢާއިލާއިން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.
އާސިރު އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ 19:30 ހާއިރުއެވެ. އޭރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެކެވެ.
އާސިރަކީ ހުޅުމާލޭގައި ހުންނަ ހެދުން ވިއްކާ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. ޢާއިލާއިން ބުނި ގޮތުން އާސިރު އެންމެ ފަހުން ގެއިން ނުކުތީ ޑިއުޓީއަށް ދާން ކަމަށް ބުނެއެވެ. އެއީ 4 ވަނަ ދުވަހުގެރޭ 19:30 ހާއިރެވެ.
”އާސިރު އެންމެ ފަހުން ނުކުތީ އުޅޭ ގެއިން. އެއީ ރޯޝަނީ މަގުގަ ހުންނަ ކިލޯގްރާމްގެ ކުރިމަތީ ހުންނަ ގޯޅީގައި ހުންނަ ގެއެއް.“ އާސިރުގެ ޢާއިލާގެ ފަރާތުން މީގެ ކުރިން ދިޑެއިލީ ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
އާސިރު ގެއިން ނިކުމެގެން ދިޔަ ތަން އެތާ ކައިރީ ހުރި ފިހާރައެއްގެ ސީސީޓީވީ ކެމެރާ ބެލިއިރު ފެނެއެވެ. އޭނާ ދިޔައީ ސައިކަލް ބަހައްޓާފައި ހިނގާފައެވެ.
ޑިއުޓީއަށް ދާންކަމަށް ބުނެ ގެއިން ނުކުތް ނަމަވެސް އެރޭ އޭނާ ފިހާރައަށް ގޮސްފައިނުވާ ކަމަށް ޢާއިލާއިން ބުންޏެވެ.
މީގެކުރިން ދިމާވި ކަމެއްގެ ސަބަބުން އާސިރަކީ ސިކުނޑީގައި އުނިކަމެއް ވެސް ހުންނަ މީހެކެވެ.
ފުލުހުން ވަނީ އާސިރުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.