ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ދޫކުރުމަށް ހުޅުވައިލާ އެ ބީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭރު މީހުންނަށް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ތިލަފުށި މިނިވަން ކުރަން ލަސްނުކޮށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކޮށްފައިވާއިރު، ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ.
އެޗްޑީސީން ބުނިގޮތުގައި އެ ރަށުން ދޫކުރާ ބިންތަކުގެ %90 ޚާއްސަކުރާނީ ދިވެހިންނަށެވެ.
ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށީގެ %100 ބިން ޚާއްސަކުރަން ޖެހޭނީ ދިވެހިންނަށް ކަމަށެވެ.
އަދި ދިވެހިންގެ ބިންތައް ވިއްކާ ކޯޕަރޭޝަން އުވައިލަންޖެހޭ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.
”ކޮން 90 ޕަސެންޓެއް. ތިލަފުށީގެ 100 ޕަސެންޓު ބިން ހާއްސަކުރަން ޖެހޭނީ ދިވެހިންނަށް. ބިން ކާ ކޯޕަރޭޝަން އުވައިލަން, ތިލަފުށިން ވިއްކާ ބިންތައް އަނބުރާ އަތުލާން, ތިލަފުށި މިނިވަންކުރާން ލަސްނުކޮށް ރައްޔިތުން ނުކުންނަންޖެހޭ.“
ތިލަފުށި ދެވަނަ ފިޔަވަހިން ސިނާޢީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން A ގައިވާ ބިންތަކެވެ. އެ ގޮތުން މިހާރު ހުޅުވާލައިފައިވަނީ 50 ބިން ވިއްކުމަށެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެއެވެ.