މާލޭ ސިޓީ ކައުންސިލުން ޢާންމުކުރި ދެ އުސޫލެއް ބާތިލުކުރަން ސްޓެލްކޯއިން އަނެއްކާވެސް ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެ ދެ އުސޫލަކީ މާލޭ ސިޓީގެ މަގުމަތީގައި މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމާބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތްކުރުމުގެ އުސޫލެވެ.
މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތާއި، ޖަންކްޝަންތަކުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން %154 ބޮޑުކުރުމާ ގުޅިގެން ސްޓެލްކޯއިން ކުރިން ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
އެ މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ތަޢާރުޟުވާކަމަށް ގަބޫލުކުރެވޭ ސަބަބުތައް އެކަމުގެ ތަފްސީލާއެކު ހުށަހެޅުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ސްޓެލްކޯއިން މި މައްސަލައިގެ ދަޢުވާ ބިނާކުރާ ސަބަބުތަކުގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ޢާންމުކޮށްފައިވާ ދެ އުސޫލަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ދެ އުސޫލުކަމަށް ބުނެފައިވީ ނަމަވެސް އެކަމުގެ ސަބަބުތައް ބަޔާންކޮށް ތަފްސީލުކޮށްދެވިފައިނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސްޓެލްކޯއިން އަލުން އެ މައްސަލަ ހުށަހެޅީ އިއްޔެގައެވެ. މައްސަލަ ބަލައިގަތުމާމެދު އަދި ކޯޓަކުން ގޮތެއް ނުނިންމައެވެ.