ބޭރު ބަޔަކަށް ތިލަފުށިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބިން ބޭނުންވާ ކުދި އަދި މެދުފަންތީގެ އެތަކެއް ދިވެހި ވިޔަފާރިވެރިންނެއް އެބަތިބި ކަމަށެވެ. އެކަން އެހެން އޮއްވައި ބޭރު ބަޔަކަށް ތިލަފުށިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވި ގޮތުގައި ދައުލަތުގެ ބިން މި ގޮތަށް ބޭރު މީހުންނަށް ވިއްކުމަކީ ނުރައްކާތެރި ކަމެކެވެ.
ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އިއުލާނުކޮށްފައިވާއިރު، ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާ ގޮތަށް އޮތީ ނިންމައިފައެވެ. އެ ގޮތުން ބައެއް ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް އެޗްޑީސީން ބުނެފައިވަނީ ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓު ބިން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.